އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު 75 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.
ލާމަރުކަޒީ ނިޒާމުގައި މިހާރު އޮންނަ އަތޮޅު ކައުންސިލްތައް އުވާލުމަށް ހުސްވި ހަފްތާގައި މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސް ކުރި އިރު، އަތޮޅު ކައުންސިލްތައް އުވާލަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 12 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހާ މެދު ގޮތް ނިންމީ މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަކުންނެވެ.
އިދާރީ ދާއިރާތަކުގައި ހިމެނޭ އަތޮޅު ކައުންސިލް އުވާލާ އިސްލާހު ގާނޫނު އަސާސީ އަށް ގެނައީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭނެ ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވާތީއެވެ.
ޝުޖާއު ގެ އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވޭނެ ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް، މިހާރު ދެމި އޮތް އަތޮޅު ކައުންސިލްތައް ދައުރު ހަމަވާންދެން ދެމި އޮންނާނެވެ.
އަތޮޅު ކައުންސިލްތައް އުވާލާ އިރު ލާމަރުކަޒީ ނިޒާމުގެ ދަށުން އުފެދިފައި ވާ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ބަދަލު ގެންނަން މަޖިލީހަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން، ކައުންސިލަރުންގެ އަދަދަށް ބަދަލު ގެނައުމަކީ އެ އިސްލާހުގައި ފާހަގަ ކުރެވޭ މުހިންމު އެއް ބަދަލެވެ.
އެގޮތުން 2000 އިން ދަށުގެ އާބާދީތަކަށް 3 ކައުންސިލަރުން އަދި 5000 ގެ އާބާދީތަކަށް 5 ކައުންސިލަރުން ލުމަށް ހިމަނާފައި ވެއެވެ. އަދި މިގޮތަށް އިސްލާހުވެ އާ ކައުންސިލްތައް އުފަންވާ އިރު 3 ކައުންސިލަރުން ތިބޭ ރަށެއް ނަމަ އެއް ޖާގަ އަންހެނުންނަށް ހާއްސަ ވެއެވެ. 5 މީހުން ތިބޭނަމަ 2 ޖާގަ ހާއްސަ ވެއެވެ.
