ދިވެހިރާއްޖެއާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފިއެވެ.
ރާއްޖެއާ ފަލަސްތީނުގެ ދެމެދު ކުޅޭ މެޗުތަކުގެ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި ފުޓުބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ.
މި ރަމްޒީ ޓިކެޓު ރައީސްއާ ހަވާލުކޮށްދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގެވެ.
ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު މިރޭ ކުޅެވޭ އެކުވެރިކަމުގެ މި މެޗު ބައްލަވާލެއްވުމަށް ރައީސް މުއިއްޒު ދަނޑަށް ވަޑައިގަންނަވާނެއެވެ. މި ދެ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސް ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
ރައީސް މުއިއްޒުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ (އެސްޓީއޯ)ގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ މި މެޗުގެ ސްވެނިއާ ޕްލެޓިނަމް ޓިކެޓް ބައްލަވައިގެންފައެވެ.
