ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ.

އަނިޔާވި މީހާއާ ބެހޭ މާބޮޑު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު އެމްއެންޑީއެފުން ބުނީ އަނިޔާވި މީހާގެ އަތާއި ފައިވެސް ފިހުނު ކަމަށެވެ.

އަދި މި މީހައަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށެވެ.

މި ހާދިސާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހެއްގެ އަތްތިލަ ފިހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.