ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓާކާޑުން އެކަމުގެ އަގުވަޒަން ކޮށްފިއެވެ.
ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑާޝިޕް' އިވެންޓެއްގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލުކޮށް ދެއްވީ މާސްޓާކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު، ސަންދުން ހަޕުގޮޑާއެވެ.
ބީއެމްއެލް އިން ބުނީ، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މާސްޓާކާޑު އަދި ބޭންކް އޮފް މޯލްޑިވްސް އާއެކު ސޮއިކުރެވުނު 'ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕް' އަކީ، ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށެވެ. މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށާއި، ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ބީއެމްއެލް އާއި މާސްޓާކާޑް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
2002 ވަނަ އަހަރު މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ވުމަށް ފަހު، ރާއްޖޭގެ ފައިސާދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓާކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނޭ ކަމަށ ްވެސް ބީއެމްއެލް އިން ބުނެއެވެ.
މާސްޓާކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީ އާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިގްތިސޯދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެއް ކަމަށް އެ ބޭންކުން ބުނެއެވެ.
