އެސްއީޒެޑްތަކުގައި ޓައުންޝިޕް ތަރައްގީކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އަދި މިއަދު ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާއެކު ގާނޫނަކަށްވެ އަމަލުކުރަން ވަނީ ފަށާފައެވެ.
ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ އުސޫލުތަކަކީ:
- ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުތުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭ
- އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން
- މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ވުން
އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ހާއްސަ އިނާޔަތްތައް ވެސް ހިމަނާފައި ވެއެވެ.
މި ބިލު ތަސްދީގު ކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ބައިނަލްއަގްވާމީ އިންވެސްޓްމަންޓްގެ މައިދާނުގައި ދިވެހިރާއްޖެ އިތުރަށް ކުރިއަރައި، އީޖާދީ އުފެއްދުންތައް އިތުރުވެ، އިގްތިސާދީ ގޮތުން އެންމެން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރި ކުރިއަރަމުން އަންނަ މިންވަރާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖެއަށް އާމްދަނީ އިތުރުވެ، ވަޒީފާގެ ފުރުސަތުތައް ފަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
