މިނިސްޓާ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމީރު މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ސިއްހީ ސަބަބުތަކެކެވެ.

މޫސާ ޒަމީރަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އެންމެ ފުރަތަމަ އެކުލަވައިލިއިރު ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލުތަކުގެ ތެރެއިންނެވެ.

މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން، ޒަމީރު ވަނީ ސަރުކާރުގެ މުހިންމު އެހެން ޒިންމާތަކެއްވެސް އުފުއްލަވާފައެވެ. އެގޮތުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތް ނިންމުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ މުގައްރިރުކަން ކުރެއްވީވެސް ޒަމީރެވެ. މީގެ އިތުރުން އޭނާ ހުންނެވީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުގައެވެ.

ޒަމީރުގެ އިސްތިއުފާއާ ގުޅިގެން ސަރުކާރުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.