ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ހިނގާދިޔަ އެކްސިޑެންޓުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުހައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަހުމަދު އައުސަމް ހަނީފް (26އ) ކަމަށެވެ. ފުލުހުން ބުނީ މި ދެމީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ނޮވެމްބަރު 8 ވަނަ ދުވަހު ހިނގާދިޔަ މި ހާދިސާގައި މި ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުގައި ކަމަށެވެ. އެގޮތުން ކާރު ކޮންޓްރޯލު ނުވީ، ކުރިމަތިން އައި ކާރަކުން ދުރަށް ޖެހި، ދާން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކާރު ގޮސް ސައިކަލެއްގައި ޖެހި، ފިހާރައެއްގައި ވެސް ޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
