ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
މަހްމޫދު ރިޔާޒަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެން އެނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް، ސަލާމަތީ ކޮމިޓީއިން މިދިޔަ ބުރާސްފަތި ދުވަހު ލަފާ އަރުވާފައިވާއިރު އެކަން ހާމަކުރީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު، ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދޭން ރައީސަށް ލަފާ އެރުވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމައި، ރައީސަށް ލަފާ އަރުވާފައިވާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.
