މާލެ އިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ނަމަކަށް ކިޔުނު ބޯޓެއް ވ ފުލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު ނޮވެމްބަރު 7 ވަނަ ދުވަހުގެ ފަތިހު 05:01 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ބޯޓުގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާއެކު ވ. ފުލިދޫއަށް ގެނެސްފައިވާކަމަށެވެ. އޭގައި ޖުމުލަ 12 މީހުން ތިބިކަމަށާއި، އެއީ 6 ދަތުރުވެރިންނާ، ކެޕްޓަނާއި، ބޯޓުގެ ވެރިފަރާތުގެ އިތުރުން 4 ބިދޭސީ ފަޅުވެރިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ބޯޓުފަރައް އެރުމުގެ ހާދިސާގައި ބޯޓުގެ މައްޔަ ފަޅައިގެން ގޮސް ދިޔަވެ ބޯޓުގެ ބޮޑު ބައި އަޑިއަށް ގޮސްފައިވާކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހުވެސް ވަނީ މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ވަނީ އަޑިއަށް ގޮސްފައެވެ. އެމްއެންޑީއެފް އިން ވަނީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިއަށް ގޮސްފައިވީ ނަމަވެސް އޭގެން ދަތުރުކުރި ފަސް މީހުން ވެސް ސަލާމަތް ކޮށްފައިވާ ކަމަށް ބުނެފައެވެ.
