މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ބޭރުގައި އޮތް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި، އެ ކްރާފްޓުގެ ކެޕްޓަން އަތުގައި ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓުވެސް ނެތްކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ މި ހާދިސާގައި އެ ކުންފުނީގެ 2 މުވައްޒަފުން ނިޔާވެފައިވާކަމަށާއި، މި ހާދިސާއާއި ގުޅިގެން އެތެރޭގެ ތަހުގީގެއް އެ ކުންފުނިން ހިންގަން ފަށާ، އިބްތިދާއީ ހޯދުންތައް ހޯދާފައިކަމަށެވެ. އެގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ލޭންޑިން ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމުގެ އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، ކެޕްޓަން އަތުގައި މިފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓުވެސް ނެތްކަމަށެވެ.

އެމްޕީއެލް އިން ބުނީ ލޭންޑިން ކްރާފްޓުގެ ސަލާމަތާއި އެހެނިހެން ކަންކަން ގަވައިދަށް ފެތުނު ނަމަވެސް މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މިއީ ލޭންޑިން ކްރާފްޓުގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން އިތުރަށް ފާހަގަކުރި ގޮތުގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި އެވަގުތު އެ ކުންފުނީގެ 10 މުވައްޒަފުން މޫދަށް ވެއްޓި އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. މި ހާދިސާގައި އެމްޕީއެލްގެ 2 މުވައްޒަފަކު ވަނީ ނިޔާވެސް ވެފައެވެ.

ލޭންޑިން ކްރާފްޓް 2 އެސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންތައް އެ ކުންފުނިން ފުރިހަމަ ކޮށްފައިވަނީ މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރަން ޖެހޭ އުސޫލާ އެއްގޮތަށްކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގަށް ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ދަނީ ތަންފީޒުކުރަމުންކަމަށާއި، މި ހާދިސާއާއި ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ ނޮވެމްބަރު 2 ވަނަ ދުވަހުގެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މަސްއުދު ހުސައިން ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި 25 އަހަރުގެ ދިވެހި ޒުވާނެކެވެ. މިއީ މި ފަހުގެ ތާރީހެއްގައި ކޮޅުވެއްޓީގައި ހިނގި ދެވަނަ ހާދިސާއެވެ. އެގޮތުން މިދިޔަ މަހު މާލެ އިން ފުރައިގެން ކ. އެރިޔަދު އަށް ފުރި ކޮޅުވެއްޓިއެއް ކަނޑުގަދަވެގެން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ތިން ބިދޭސީއަކު ވެސް ނިޔާވެފައި ވެއެވެ.