މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާ، ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
