ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ފުވައްމުލަކު ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް މުއިއްޒު މިއަދަށް އައްޑޫ އަށާއި ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ވަޑައިގެންނެވެ. އެގޮތުން މި ރަސްމިއްޔާތު ރައީސް ޝަރަފުވެރި ކޮށްދެއްވާފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންފިފިލާގެ އިމާރާތެއް ބިނާ ކުރާނެކަމަށާއި، މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި މިއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ 14،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުވެގެންދިއުމަކ،ީ އިލްމީ ދަރިންތަކެއް އުފަންކުރެވި ފުވައްމުލަކަށް އިލްމީ ގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭ ކަމެއް ކަމަށެވެ.
ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއްގެ އިތުރުން މިއަދު ފުވައްމުލަކުގައި ވަނީ ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެކަމަށާއި، މިއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެކަމަށެވެ. އަދި މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީކުރެވުމާއެކު ރަށުގައި ކުށް މަދުވެ ރަށުގެ އިޖުތިމާއީ ތަރައްގީއާއި އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
