ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު 3 އަހަރަށް އާ ކޮށްފިއެވެ.

ފަހުމުނާމާ އާ ކުރުމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ.

އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓާކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން ކުރަމުންގެންދާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް ދޭނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލްއިން މިހާތަނަށް ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ މި އެއްބަސްވުން އާ ކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.