ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެތެރޭ ތަހުގީގެއް ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި 5 މީހަކަށް އަނިޔާވެ 2 މީހަކު ވަނީ ނިޔާވެފައެވެ.
ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މަސްއުދު ހުސައިން ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި 25 އަހަރުގެ ދިވެހި ޒުވާނެކެވެ. ބަންގްލަދޭޝް މީހާ އިއްޔެ ނިޔާވެފައިވާއިރު ޒުވާނާ ނިޔާވެފައި ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ. އެއީ ގއ. ގެމަނަފުށީ/ދިލްބަހާރްގެ އަލީ އަފްލާހް މުހައްމަދު 25އ. އެވެ.
މި ހާދިސާއާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިޔާއަތްކޮށް އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އެ ހާދިސާ ހިނގި ވަގުތުގެ ކުރިންނާއި އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ކޮޅުވެއްޓިއަށް އަރުވަމުންދިޔައީ ހައިމާކު ތަކެކެވެ. ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، ހައިމާކުތަކެއް ކޮޅުވެއްޓިއަށް އަރުވަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ މަސައްކަތް ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ވެއެވެ. އަދި މިފަދަ މަސައްކަތް ކުރާއިރު ހަރަކާތްތެރިވާން ޖެހޭނީ ސޭފްޓީ ތަމްރީނު ހަދާފައިވާ މީހުން ކަމަށް ވެސް ބައެއް މީހުން ބުނަމުން ދެއެވެ. ނަމަވެސް މިކަމާ ގުޅިގެން އެމްޕީއެލް އިން އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ކޮޅުވެއްޓީގައި ހިނގި ދެވަނަ ހާދިސާއެވެ. އެގޮތުން މިދިޔަ މަހު މާލެ އިން ފުރައިގެން ކ. އެރިޔަދު އަށް ފުރި ކޮޅުވެއްޓިއެއް ކަނޑުގަދަވެގެން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ތިން ބިދޭސީއަކު ވެސް ނިޔާވެފައި ވެއެވެ.
