ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށާއި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާކަމަށާއި އަދި އެ ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ހަދިޔާވެސް ދީފައިވާކަމަށެވެ. މީގެއިތުރުން ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, AI2239 އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ރަސްމީކޮށް ހުޅުވި ނަމަވެސް ހިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކަށް އެކަންޏެވެ.

އައު ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ގާއިމްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވާއިރު، މި ބްރިޖްތަކަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ.

އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.