ދެކުނު ކޮރެއާގެ ބޫޝާންގައި އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބޭއްވެވި ބައްދަލުވުން ކާމިޔާބު ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލްގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިތުރު ތަފްސީލެއް ނުދެއްވާ ޓްރަމްޕް ދެން ވިދާޅުވީ، އޭގެ ދުވަސްކޮޅެއްގެ ފަހުން ޝީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދެ ލީޑަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވިދާޅުވީ، މަޝްވަރާތަކުގެ މައިގަނޑަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާ ގުޅޭ މަޝްވަރާ ކަމަށާއި މާބޮޑު ހިޔާލުތަފާތުވުން ތަކެއް ނެތް ކަމަށެވެ. އަދި ލަސްނުވެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގްތިސޯދުގެ ވެރިން ބައްދަލު ކުރައްވާފައި މިވަނީ، ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރާ މުދަލަށް ނަގާ ޑިއުޓީ ނުވަތަ ޓެރިފް ބޮޑުކުރަމުން ދާ ވަގުތެއްގައެވެ.
ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ ހުރިހާ މުދަލަކުން ނަގާ ޑިއުޓީ 100 ޕަސެންޓަށް ވުރެ މައްޗަށް ޖައްސާފައި ވާއިރު ޗައިނާއިން ވެސް ދަނީ މުގާބިލުގައި ޓެރިފް ބޮޑު ކުރަމުންނެވެ.
ވިޔަފާރީގެ ވާދަވެރިކަން ދެގައުމުގެ ދެމެދުގައި ބޮޑުވެފައި ވާ މައިގަނޑު އެއް ދާއިރާއަކީ، ރެއާ އާތު މިނަރަލް އަކީ ހަކަތައިގެ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާ އާއި އަސްކަރީ ދާއިރާގެ އާލާތްތަކުގައި ބޭނުން ކުރާ މުހިންމު މައުދަނެކެވެ. ހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގައި ރެއާ އާތު މިނަރަލް ލިބެން ހުންނަ ތަންތަނުގެ 70 ޕަސެންޓް ކޮންޓްރޯލް ނުވަތަ އެއްބަސްވުންތައް އޮންނަނީ ޗައިނާ އިން ހޯދާފައެވެ. އެމެރިކާއަށް ލިބިފައިވަނީ 12 ވަރަކަށް ޕަސެންޓެވެ.
އެމެރިކާއިން ރެއާ އާތު މިނަރަލްގެ ކޮންޓްރޯލް ހޯދުމަށް ކުރާ މަސައްކަތުގައި ޝީ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވާއިރު ބޫޝާންގެ ބައްދަލުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
