1 އަހަރާ 11 މަސްދުވަހުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑު ހައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް މުއިއްޒު ޒިޔާރަތްކުރައްވާ ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާކަމަށެވެ.
އެގޮތުން ރައީސް މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުއެވެ. ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 1 އަހަރާ 11 މަސްދުވަހުގެ ތެރޭ ޒިޔާރަތް ކުރައްވާފައެވެ.
މި މުއްދަތުގައި ރައީސް މުއިއްޒު 63 ރަށަކަށް 2 ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މިކަމުން ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަވެގެން ދާކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތް ކަމަށާއި، ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެކަންވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި ދަތުރުފުޅުތަކަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މަންފާ ލިބޭ ގޮތައް ކޮންމެ ރަށެއް ހެއްދުމެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަވެގެންދާ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
