ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފާ ނުހޯދާ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތައް ނައްތާނުލާން އެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި، ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 1 އަހަރު ތެރޭ ނައްތާލެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ އިރުޝާދު ފުލުހުންނާ ހިއްސާ ކުރެވެންދެން ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔުމެއްގެ އަސްލު ނައްތާނުލަން ފުލުހުންނަށް މިއަދު އަންގާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޖިނާއީ ބޮޑެތި ކުށް ހިމެނޭ މައްސަލަތަކުގައި އަށް އަހަރު ދުވަހަށް، އަދި އެނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ބަހައްޓަން ޖެހޭނެކަމަށް ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަރަށް ހެކި ނެތް ނަމަ ނުވަތަ ނެތްކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމައިފިނަމަ، އަހަރު ދުވަހުގެތެރޭ ލިޔެކިއުންތައް ނައްތާލެވޭނެ ކަމަށް ބަޔާންކޮށް ގަވައިދަށް ވަނީ އިސްލާހު ގެނެސްފައެވެ.