ހުޅުމާލޭ ގަރާޖްތަކަށް ހާއްސަ ރެއިޑް އޮޕްރޭޝަނެއް އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކްފޯސްއިން އިއްޔެ ހަވީރު ވަނީ ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމުގެ އިތުރުން އެފަދަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ގަރާޖުތަކަށް ހާއްސަކޮށް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑްގެ ތެރެއިން

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.