ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އިން ވާޖިން އެޓްލާންޓިކް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި އާ ޓަމިނަލް (ޓާމިނަލް 1) އިން ވާޖިން އެޓްލާންޓިކް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.

މި ހަފްލާގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ޓާމިނަލް 1 އިން ހިދުމަތް ދިން ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އޮކްޓޯބަރު 23، 2023 ގައެވެ. ޓާމިނަލް 1 އިން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ބްރިޓިޝް އެއާވޭސްއަށް ވެސް ހިދުމަތް ދޭން ފަށާފައެވެ.

ވާޖިން އެޓްލާންޓިކްއާއެކު ޓާމިނަލް 1 އިން މިހާރު ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.