ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ ”އިންސްޕެކްޓާ ކޯހު”ގެ ފަސް ވަނަ ބުރު ފަށައިފިއެވެ.

އިންސްޕެކްޓާ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މި މަހު 28 ވަނަ ދުވަހު މި ކޯސް ފަށާފައިވަނީ 30 ފިރިހެން ފުލުހުންނާއެކުގައެވެ. އަށް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނީ މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެކަމަށެވެ.