ރިސޯޓް ހޮލިޑޭޒްއިން އިންތިޒާމު ކޮށްގެން ރަޝިއާގައި މަންޓާ ފޯރަމް 2025ގައި ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ރަޝިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 110 ރިސޯޓް/ހޮޓާ، އަދި ޓްރެވަލް އޭޖަންޓުން މި ފޯރަމްގައި ބައިވެރިވެފައިވާއިރު މި ފޯރަމްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި، ރާއްޖޭގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓުގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދިޔަ މި ފޯރަމުގައި ސީއައިއެސް ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހިއްސާދާރުންނާ ވަކިވަކީން ބައްދަލުކުރެވި، ރާއްޖެ އިސްތިހާރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރިއެވެ.

މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރި ފުރުސަތުތަކާއި، ޕާޓްނާޝިޕްތައް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ހޮޓަލްތަކާއި، މަންޒިލްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އެއްކޮށްގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.