ހުޅުމާލެ 2 ގައި ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ފުވައްމަލަކުގެ ވިޔަފާރިވެރިއެއް ކަމަށްވާ އެ ރަށު ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، (57އ) އެވެ.

އިތުރަށް ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

ކަފިހިހުރަސް މަތިން ހިނގާފައި ދަނިކޮށް ކާރުން ޖެހި، އެ މީހާ ވެއްޓުމުން މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.