ރައްޔިތުން މަޖިލިސްގެ ކައިރީ ބައެއް ނޫސްވެރިން އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ގަނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެއްވުމެއް ކަމަށާއި އެ މުޒާހަރާ ރޫޅާލުމުގައި އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގެ ކައިރީ ބައެއް ނޫސްވެރިން އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރި ކަމަށާއި ބައެއް ނޫސްވެރިން އެތަނުން ދުރަށް ޖެއްސި އިރު އަނިޔާވާ ގޮތަށް އަމަލުކޯށްފައިވާ ކަމަށް ބުނެ ނޫސްވެރިންނާއި ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ،

އެ މުޒާހަރާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، އެ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކޮށްފައިވާ ކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2013/01) ގެ 24 ވަނަ މާއްދާގެ ދަށުން، ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ހުއްދައެއް ދީފައި ނުވާތީ އާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީ އާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2013/01 ގެ 24 ވަނަ މާއްދާގެ (ނ) އިންވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީ އަދި އެ ސަރަހައްދަކީ ސްކޫލްތައް ވެސް ހިމެނޭ ސަރަހައްދަކަށް ވުމާއެކު، އެދުވަހު ބޭއްވި މުޒާހަރާއަކީ ގާނޫނޭ ހިލާފު އެއްވުމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާ ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ އަދި ބެޓަން ފަދަ ތަކެތި ބޭނުންކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެން ގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ހިދުމަތުން އިސްކޮށްފައި ވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަ ނުދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން، މުޒާހަރާ ރޫޅާލުމުގައި ވެސް، މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަހައްދުން ދުރަށް ޖައްސާފައި ކަމަށް ފުލުހުން ބުނެއެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައި ވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށާއި. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައި ވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކަކީ ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިހާރު ދަނީ، އެ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ތައްޔާރު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.