ސަރުކާރާ ދެކޮޅަށް ފަށާފައިވާ އެމްޑީޕީގެ މުޒާހަރާތަކަށް ނުކުތުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީ އާއި އިންތިޒާމް ކޮމިޓީގެ އިތުރުން މީޑިއާ ކޮމިޓީއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މުޒާހަރާތަކަށް ނުކުތުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، އެ މަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ 'އެކްސް' ގައި ވެސް ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން، ވިޔަފާރިވެރިންނަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރުމުން އެ ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު އިސްލާހުކޮށް، މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. މި ބަދަލާ ގުޅިގެން ގިނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް ނަޝީދު ވަނީ އެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާ އާއި މަސައްކަތްތެރިޔާ ވެސް އެކަމުގައި ޝާމިލުވެގެން ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ ބުރަ މަސައްކަތުން ހޯދާ އެއްޗެއްކަން ފާހަގަކުރައްވަމުން، ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް މާރުކުރަން މަޖުބޫރު ކުރުމުން ވިޔަފާރިތަކުގެ ދެކޮޅު ނުޖެހި ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ވިޔަފާރިވެރިޔާގެ މުއްސަނދިކަމަކީ މުޅި ގައުމުގެ އެންމެންގެ ތަނަވަސްކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ވިޔަފާރިތައް ބަނގުރޫޓުވެއްޖެނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި، ރިސޯޓް ވިޔަފާރިއާ ގުޅިފައިވާ އެހެނިހެން ހުރިހާ ވިޔަފާރިތަކަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. "މި ސަރުކާރުން މި ދަނީ ރާއްޖެ ބަނގުރޫޓުކުރަމުން،" ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
