ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ މޮނު ހައުލޭޑާ އަދި އުމުރުން 25 އަހަރުގެ ސަކީބް މިއާ ކަމަށެވެ.
އެ 2 މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ 2 މީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލުގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށާއި އެ 2 މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.