ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި ރައީސާ މުއާމަލާތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއްސުއޫދު މިފަދައިން ވިދާޅުވީ، ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ހަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ކިޔާ ސުޕްރީމް ކޯޓުން އެކްސްގައި ހިއްސާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓު، ރިޕޯސްޓުކޮށް ސުޕްރީމް ކޯޓުން ވަނީ، ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރުމަށް، ރައީސް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް އުފާކޮށް މަރުހަބާ ކިޔާފައެވެ.

"މިނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުއިއްޒުއަށް ޝުކުރުދަންނަވަން" ސުޕްރީމް ކޯޓުން އެކްސްގައި ލިޔެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ އެ ޕޯސްޓުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހުސްނުއްސުއޫދު ވިދާޅުވީ އަދުލު އިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓުން ސޯޝަލް މީޑިއާގައި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ މުއާމަލާތްކުރުމަކީ، ރަސްމީ އުސޫލާއި، ހަމަތަކާ ވަރަށް ބޮޑަށް ހިލާފު އަދި ކުރަން ނުވާވަރުގެ ކަމެއް ކަމަށެވެ.

އަދި ހަމަ އެހެންމެ އަދުލު އިންސާފުގެ ބާރުގެ، ކޯޓުތަކުން މުއާމަލާތްކުރަން ވާނީ އެކަމަށް ހާއްސަކޮށް ހުންނަ އެކި މަގުތަކުންކަން ފާހަގަކޮށް ސުއޫދު އިތުރަށް ވިދާޅުވީ އެ ނޫން ގޮތް ގޮތަށް، ނުވަަތަ ސޯޝަލް މީޑިއާގައި މުއާމަލާތުކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

ކޯޓުތަކުން އާންމުގޮތެއްގައި މުއާމަލާތްކުރަނީ އެ ކޯޓުތަކަށް ކަނޑައަޅާފައި ހުންނަ ރަސްމީ ވެބްސައިޓްތަކުގައި މައުލޫމާތު ހާމަކޮށްގެންނެވެ. އަދި ސޯޝަލް މީޑިއާތަކުގައި މައުލޫމާތު ހާމަކުރާނަމަ އެ މައުލޫމާތު ގެނެސްދެނީ ރަސްމީ ބަޔާނެއްގެ ސިފައިގައެވެ. އެކަމަކު އެކަމާ ހިލާފަށް ސޯޝަލް މީޑިއާގައި ރައީސަށް ޝުކުރު ދަންނަވާ ތަފާތު އެކި ޕޯސްޓުތަށް މީގެ ކުރިން ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.