ރިފަރެންޑަމްއެއް ނެގުން ހުއްޓުވުމަށް ގާނޫނީ ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަކީ ގޯހެއް ކަމަށް ވިދާޅުވެ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު އުފެއްދެވުމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރެންޑަމްއެއް ނެގުން ހުއްޓުވުމަށް އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި ފެށުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ދެ އިންތިހާބު އެކުއެކީގައި ބާއްވަން ގެނައި އިސްލާހު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް މި ހުށަހެޅުން ވަނީ އެ ކޯޓުން ބަލައިނުގަތުމަށް ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ހުސްނޫއްސުއޫދު ވިދާޅުވެފައި ވަނީ، އަޑުއެހުމެއް ވެސް ނުބާއްވާ ނިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމަކީ ގޯހެއް ކަމަށް ސުވާލު އުފެއްދެވިއެވެ.
މި ކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ، އެ ގޮތަށް ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައި ވަނީ ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އިރު ކަމަށާއި އަދި ރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސްޕްރީމް ކޯޓުން ކަމަށެވެ. ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި ހުސްނުއްސުއޫދު ހިމެނިވަޑައިގަންނަވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި ވަނީ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް ވެސް ތަސްދީގުކުރުމަށް ރައީސަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެއް ކަމަށާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އަހަންޖެހޭ ބިލުތަކާއި އެ ނޫން ބިލުތައް ތަސްދީގުކުރުމުގެ މުއްދަތު ތަފާތުކޮށްފައެއް ނެތް އެ މާއްދާގައި ބަޔާންކުރާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގުނުކޮށްފި ނަމަ އަދި ތަސްދީގުނުކުރުމަށް ނިންމައި މަޖިލީހަށް އެކަން އަންގާފައިނުވާ ނަމަ އެ ބިލެއް ތަސްދީގުވީ ކަމުގައި ބަލަންވާނެ ކަމަށް ގާނޫނުއަސާސީ ބުނާ ކަަމަށެވެ. ނަމަވެސް، އެ ބިލު ތަސްދީގުކުރުމުގެ ކުރިއަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގެ އަގުލަބިއްޔަތު އެ ބިލަކަށް ލިބެންޖެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށްޓަކައި ރައީސް މުއިއްޒަށް ފޮނުވީ މިދިޔަ 11 ފެބުރުއަރީގައި ކަމަށާއި އެ ބިލު ތަސްދީގުކުރަން އޮތް މުއްދަތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް އަހާފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި އެ މައްސަލަ ބަލައިނުގަތްކަން އަންގަވައި އަލީ ހުސައިނަށް ފޮނުއްވި ލިއުމުގައި ވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ހިމެނޭ އުސޫލެއްގެ ބިލެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާ ބިލެއް ތަސްދީގުކުރުމުގައި ބަލަން ޖެހޭނީ ގާނޫނުއަސާސީ އިސްލާހުކުރާ ބާބުގައި ހިމެނޭ ކަންކަމަށް ކަމަށެވެ. އަދި އެ ބާބުގައި ހިމެނޭ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ވަނީ، 15 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސް އަންގަވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ބިލެއް ރައީސް ތަސްދީގުކުރައްވަން ނުފެންނަ ކަމަށް ވަނީ ނަމައެވެ.
