ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގީ މިއަދުއެވެ.

އެ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިރޭ ބުނީ، އެ އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަދު މާލެ އާއި މާފުށީގައި ފުލުހުން ކައުންޓާ ޓެރެރިޒަމް އޮޕަރޭޝަނެއް ފަށާފައިވާއިރު މާލޭގެ ގުދަނެއްގެ އިތުރުން ގަރާޖެއް ވެސް ވަނީ ފާސްކޮށްފައެވެ. ފުލުހުންގެ މި އޮޕަރޭޝަންގައި ސްވޮޓް ޓީމުންވެސް ވަނީ ބައިވެރިވެފައެވެ.