ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މައްސަލައަކާ ގުޅިގެން ފުލުހުން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވާއިރު މި އޮޕަރޭޝަނާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު މާލެ އާއި މާފުށީގައި ފުލުހުން ކައުންޓާ ޓެރެރިޒަމް އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް މާލޭގެ ގުދަނެއްގެ އިތުރުން ގަރާޖެއް ވަނީ ބަލާ ފާސްކޮށްފައެވެ. ފުލުހުންގެ މި އޮޕަރޭޝަންގައި ސްވޮޓް ޓީމުންވެސް ބައިވެރިވަމުން އަންނައިރު މީގެ އެއް ހަފްތާކުރިންވެސް ސްކޫލެއްގައި ބޮމެއް އޮތްކަމުގެ އިންޒާރާ އެކު ފުލުހުން ވަނީ ހާއްސަ އަޮޕަރޭޝަނެއް ހިންގާފައެވެ.