ހުޅުމާލޭގައި މީގެ ހަ އަހަރު ކުރިން ހިނގި ބަސް އެކްސިޑެންޓެއްގައި ޔުކްރެއިންގެ އަންހެނަކު މަރުވި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފިއެވެ.
މެއިި، 2019 ގައި ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ ޔުކްރެއިންގެ އަންހެނެއްގެ ގައިގައި އެމްޓީސީސީގެ ބަހަކުން ޖެހި މަރުވެފައިވާއިރު، މި އެކްސިޑެންޓު ހިނގާފައިވަނީ ބަސް ޑްރައިވަރު ނިދިޖެހިފައި އިންދާ ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ، އަންހެން މީހާ ބަހުގެ ދަށުވެގެންނެވެ.
މި މައްސަލަ ހުޅުމާލެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ބަސް ޑްރައިވަރުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ނަގައިދިނުމަށް ހުކުމްކޮށްފައެވެ. މި މައްސަލައިގައި ބަސް ޑްރައިވަރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ޑްރައިވަރުގެ ގަސްތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ނަގައިދޭން ހުކުމްކޮށްފައިވަނީ މަރުގެ ދިޔަ އިސްލާމީ ޝަރީއަތުގައި ހައްގުވާ މީހަކަށްތޯ ޑްރައިވަރުގެ ފަރާތުން ސުވާލު އުފައްދާފައިވެއެވެ. އެހެންކަމުން ހައިކޯޓުގައި ޑްރައިވަރުގެ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ އަޑު އެހުންތައް އިއްޔެ ނިންމާލާފައިވާއިރު، އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ. އެ އަންހެން މީހާ މަރުވި މައްސަލާގައި 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން އޭނާގެ މަންމަވެސް ވަނީ ދައުވާކޮށްފައެވެ. ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް އޭރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.