ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން ދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެކްސްގައި ދާދި ދެންމެ ހިއްސާ ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށެވެ.
ރައީސް މިމޭރުމުން ޓްވީޓް ކުރެވި ވަގުތަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ވާ ފަރާތްތަކަށް އުމުރަށް އިނާޔަތް ލިބޭގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް 'އެއްކޮށް ކަނޑާލަން" ގޮވާލައި ސޯޝަލްމީޑިއާގައި ކެމްޕެއިނެއް ފެށި ވަގުތެކެވެ. އެ ޕޯސްޓް ތަކުގައި ވަނީ، އެކަމާ ގުޅޭ މުޒާހަރާތައް ރާވަން މާދަމާރޭ 9 ޖަހާއިރު އެންމެން އުސްފަސްގަނޑަށް ޖަވާވުމަށެވެ.
އާންމު އެކިއެކި ފަރާތްތަކުން މި ޕޯސްޓް ޝެއާކުރަމުން ގެންދާއިރު، ރައީސްކަން ކުރައްވާފައި ވާ ފަރާތްތަކާއި މެންބަރުކަން ކުރައްވާފައި ވާ ފަރާތްތަކަށް ދާއިމަށް ލިބެމުންދާ އިނާޔާތްތައް ކުޑަކުރަން ޖެހޭ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިދިޔަ އާދީއްތަ ދުވަހު ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި އަދި ރައްޔިތުން އެދެނީ ވެސް އެ ގޮތަށް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހު ސޯޝަލް މީޑިއާގައި މީހަކު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި މަހަކު 24،000 ރުފިޔާ ދެއެވެ. އަހަރަކަށްފަހު އަހަރެއް މެމްބަރުން އިތުރުވަމުންދާތީ ކުރާ ހަރަދުވެސް ދަނީ ބޮޑުތަނުން އިތުރު ވަމުންނެވެ.
ސިއްހީ އިންޝުއަރެންސްގެ އިތުރުން އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް 2014 އިން ފެށިގެން 2024 ގެ ނިޔަލަށް ޖުމްލަ 17،590،600 މިލިއަން ރުފިޔާ އަދި ދެ ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންނަށް މި މުއްދަތުގައި ޖުމްލަ 17،525،996 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަންވެސް އެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެ ގޮތުން 1 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ ލިބެއެވެ. އަދި 2 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.
2009 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފަށާފައިވާއިރު، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާ ދެއެވެ. މީގެއިތުރުންވެސް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއާއި، އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ވެސް އަންނަނީ ދެމުންނެވެ.
