އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ އާ ޕްލޭނެއްގެ މަޝްވަރާއަށް ހަމާސްގެ އިސް ލީޑަރުން ގަތަރަށް ޖަމާވި ވަގުތު އިޒްރޭލުން ހަމަލާ ދިން މައްސަލަ ބޮޑުވުމާއެކު، ހަމަލާގެ ކުރިން އެކަން އެންގިކަމަށް އެމެރިކާއިން ބުނެފިއެވެ.

ވައިޓްހައުސްގެ ތަރުޖަމާން ރޭ ވިދާޅުވީ، ހަމަލާގެ ކުރިން އެމެރިކާއަށް އެކަން އެނގޭކަމަށާއި، އަދި ހަމަލާ ދޭން އުޅޭކަން ގަތަރުގެ އޮފިޝަލުންނަށް ވެސް ދުރާލާ އެންގި ކަމަށެވެ.

ތަރުޖަމާން ކެރޮލިން ލީވިތް ވިދާޅުވީ، އިޒްރޭލުން ހަމަލާ ދޭން އުޅޭކަން އެމެރިކާގެ އަސްކަރިއްޔާގެ ފަރާތުން ވައިޓްހައުސް އަށް (ޓްރަމްޕަށް) އެނގިވަޑައިގެންނެވި ކަމަށާއި، އެއާއެކު މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ސްތީވް ވިޓްކޮފް މެދުވެރިކުރައްވައި ގަތަރުގެ އޮފިޝަލުންނަށް އެންގެވި ކަމަށެވެ.

އެމެރިކާއިން މިވާހަތައް ދެއްކުމާއެކު ގަތަރުން ވަނީ ވަގުތުން އެވާހަކަތައް ދޮގުކޮށްފައެވެ.

އެގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާޖިދު އަލް އަންސޯރީ އެކްސްގައި ލިޔުއްވާފައި ވަނީ، އެމެރިކާއިން އެބުނާ ކޯލެއް އައީ އިޒްރޭލުން ހަމަލާ ދިން ވަގުތު ގޮވި ބާރު އަޑުފައްގަނޑާއެކުގައި ކަމަށެވެ. އެހެންކަމުން ހަމަލާގެ ކުރިން އެންގި ކަމަށް ބުނެ އެމެރިކާއިން ބުނާ ވާހަކައަކީ ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ގަތަރުގެ ހާރިޖީ ވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ތާނީ ވިދާޅުވީ، އެމެރިކާއިން އެ ބުނާ ކޯލް ލިބިވަޑައިގަތީ ހަމަލާދިންތާ 10 މިނެޓް ފަހުން ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، އެ ހަމަލާއަކީ، ދައުލަތަކުން ހިންގި ޓެރަރިސްޓް އަމަލެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އިޒްރޭލުން ހަމަލާ އަމާޒު ކުރީ، އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް މަޝްވަރާ ކުރުމަށް ގަތަރަށް އެއްވި ހަމާސްގެ އެންމެ އިސް ލީޑަޝިޕަށެވެ. ޑިމްލޮމޭޓުން ތިއްބެވުމަށް ހާއްސަކޮށް ގަތަރުގައި ހަދާފައި އޮންނަ ސަރަހައްދުގެ އިމާރާތެއްގައި ހަމާސްގެ ޓީމު ތިއްބަވަނިކޮށް ދިން އެ ހަމަލާގައި 5 މެންބަރަކު މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. ނަމަވެސް މަޝްވަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ސަލާމަތްވި ކަމަށް ވެސް ބުނެފައި ވެއެވެ.

މަރުވި މީހުންގެ ތެރޭގައި ގަތަރުގެ ދާއިލީ ވުޒާރާގެ ފަރާތުން އެ ޓީމާއެކު ހަރަކާތްތެރިވި ސެކިއުރިޓީ އޮފިސަރަކު ހިމެނެއެވެ.

ހަމަލާއަށް ފަހު ޓްރަމްޕް އިތުރަށް ބުނީ، ހަމާސްއަށް ހަމަލާ ދޭން ޖެހޭ ކަމަށާއި ނަމަވެސް ގަތަރުގައި ތިއްބާ ހަމަލާ ދެވުމަކީ ހިތާމައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ގޮތަކަށް ހަމަލާ ތަކުރާރު ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެއެވެ. އިތުރަށް އޭނާ ވިދާޅުވީ، ގަތަރުގައި ތިއްބާ ހަމާސް އަށް ހަމަލާދޭން ނިންމީ ސީދާ ނަތަންޔާހޫ ކަމަށާއި އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކިއެކި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް، ކުށްވެރިކުރަމުން ދާއިރު ހަމާސް އިން ބުނެފައި ވަނީ، އިޒްރޭލާ އެއްވަރަށް އެމެރިކާއިން ވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.