ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީކުރަމަށް އަމާޒުހިފާފައިވަނީ 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
އޭގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ހިދުމަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢު ގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ.
މިއީ ރިޔާސީ އިންތިހާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މި މަޝްރޫއު ތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ޤާއިމްކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބިންގާ އެޅުއްވި މިސްކިތަކީ ފަސްސަތޭކަ މީހުންގެ ޖާގައިގެ ޒަމާނީ، ރަނގަޅު ފެންވަރުގެ، ލައިބްރަރީ އާއި ކްލާސްރޫމްތައް ވެސް ހިމެނޭނެ މިސްކިތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނެއްލައިދޫގައި 60 ހައުސިންގް ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގެ އިތުރުން ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް ގާއިމްކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން މިއަދު ނެއްލައިދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތްވެސް ފަށާފައެވެ.