ހދ. ނެއްލައިދޫގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމައި، އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމައި، ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މަސައްކަތުގައި އެ މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، މަޝްރޫއުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ނެއްލައިދޫ ކައުންސިލުން އަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ.
މި މަޝްރޫއަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އާއި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެން ދިޔަ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާއާއެވެ.
މި މަޝްރޫއުގެ ދަށުން ނެއްލައިދޫގައި ފެން ޓެސްޓް ކުރެވޭނެ އާލާތްތަކާއެކު ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ ޕްލާންޓް އިމާރާތެއް ވަނީ ބިނާކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯ ވޮޓްގެ ސޯލާ ޕެނަލެއް ވަނީ ހަރުކޮށްފައެވެ.
ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ. މީގެއިތުރުން، ރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށް ދިނުމަށް 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަށް ބަލާއިރު، 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 2 ޕަންޕިން ސްޓޭޝަން އަދި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ގާއިމުކޮށްފައެވެ. އަދި ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާއި، ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަ ކޮށްފައެވެ.
މި މަޝްރޫއުގެ ހުރިހާ އަމަލީ މަސައްކަތެއް ނިމި، ނިޒާމު ޓެސްޓްކޮށް ނިމިފައިވާއިރު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ މި ނިޒާމު ރަސްމީކޮށް އޮޕަރޭޓް ކުރުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ މަސައްކަތްތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
