ޓޫރިޒަމް ނެތުމުގެ ލޭބަލް ހދ. އަތޮޅުން ނައްތާލައި، ހދ. އަތޮޅަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހދ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމް ކުރިއަށް ގެންދިއުމާކީ މިހާތަނަށް ހދ. އަތޮޅުގައި ނުވެފައި އޮތް ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށެވެ. ހދ. އަތޮޅު ހިމެނޭޙެން ޓޫރިޒަމް ކުރިއަރާފައިނުވާ އަތޮޅުތަކުގައި ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޓޫރިޒަމް ތަރައްގީ ކުރުމަށް ވަރަށް ބޮޑެތި ލުއިތަކަކާއެކު އިންވެސްޓަރުންނަށް ހުޅުވާލައިފައިވާ ކަމަށާއި ހދ. އަތޮޅުގެ ގާތްގަނޑަކަށް 10 ވަރަކަށް ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ސަރަހައްދުތަކަށް ބިޑު ހުށަހެޅުމުގެ މުއާމަލާތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީއިން ބީއެމްއެލް މެދުވެރިކޮށް އެ އަތޮޅުގެ ނާގޯށި ތަރައްގީ ކުރުމަށް މިހާރު އެމްޓީޑީސީއަށް މަގުތަކެއް ފަހިކޮށްދީ އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ހދ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާ ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ ޓޫރިޒަމް ފައްކާކަމާއެކު ހިނގާ އަތޮޅަކަށް ހދ. އަތޮޅު ހަދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.