ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލެއްވީ ގައުމީ ދުވަހުގެ މުނާސަބާގައި ހިއްސާ ކުރެއްވި ހާއްސަ މެސެޖެއްގައެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި އެ މެސެޖުގައި ވިދާޅުވީ، ބޮޑުތަކުރުފާނުގެ އަގުހުރި ގައުމީ ޖިހާދުގެ ނަސްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަހުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުންދާ ކަމަށެވެ.
އަދި ހަމަ އެހެންމެ ދިވެހީންގެ ހަށިގަނޑުގައި ޖަހާ ގައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ގައުމުގެ ހައްގުގައި ޖިހާދުކުރެއްވި އަގުހުރި ބަތަލުންގެ އަޒުމާއި ހިތްވަރުން އިބްރަތް ހާސިލްކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހިންނަކީ އަބަދުވެސް ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެފައެވެ.
ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
ގައުމީ ދުވަހާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއިރު އެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވަނީ ހއ. އުތީމުގައެވެ. އަދި އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ޖަލްސާ އޮންނަނީ މިއަދު ހެނދުނު 10:00 ގަ އެވެ.