މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސެގްމެންޓް 1 ސަރަހައްދުގެ ޝީޓް ޕައިލިން މަސައްކަތް މިއަދު ފަށައިފައެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، ޒަމާނީ އަދި ފައިމަގުން ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކޮށް، މާލޭ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ގެނެސްދޭނެ ކަމަށެވެ. ތަނަވަސް ކުރެވޭ މަގުތަކުގެ ސަބަބުން ޓްރެފިކް ޖެހުން ލުއިވެ، އަދި ވާރޭ ފެން ހިންދާ އާ ނިޒާމެއް ގާއިމް ކުރާ އިރު ވާރޭވެހޭ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުން މަދުވެ، މަގު ބޭނުން ކުރާ އެންމެހާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ވަސީލަތްތަކެއް ގާއިމް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ހަތަރު ލޭން ހެދުމުގެ މަސައްކަތަކީ 144 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުންވެސް ހިމެނޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް މަގާއި ފަޅު ބަންދުވާނެއެވެ.