މާފަރު ފަޅަކީ އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް މިއަދު ސޮއިކުރެއްވި މަޝްރޫއަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ޕިކްނިކް އައިލެންޑް ތަރައްގީކުރައްވާނީ، މާފަރު ފަޅުގައިކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުގައިވާ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނޭކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފެރިދޫގައި ވަނީ މި ނޫންވެސް އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، އއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.

ރައީސް ފެރިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

އަތޮޅު މަދަރުސާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނޭ ކަމަށެވެ. އެ ގޮތުން ސްކޫލަށް ބޭނުންވާ ބިނާރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ހައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވައި، އެ ކަމުގައި އުފެދިފައިވާ ހިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު، ބިން ކަނޑައެޅުނުހާ އަވަހަކަށް، މިސްކިތުގެ މަސައްކަތް ފެށޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގުރުއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފެރިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެރިދޫގައި ފައްޓަވާފައިވީނަމަވެސް، އެ އިމާރާތް އެޅެންދެންވެސް ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ރަށުގައި ގާއިމުވެ ތިބޭނޭ ތިން ފުލުހުން، މި ހަފުތާގެ ތެރޭގައި ފެރިދޫއަށް ފޮނުއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތްވެސް އިފްތިތާހުކޮށްދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ގާތަށް ކުރައްވާ ޒިޔާރަތްތަކުގެ މަގްސަދަކީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭ ގޮތަށް ކޮށްދެވޭކަން ޔަގީންކުރެއްވުން ކަމަށެވެ.