އއ. ހިމަންދޫ ގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ 910 މީހުންގެ އާބާދީއެއް އުޅޭ ހިމަންދޫގެ ބަނދަރު ތަރައްގީކޮށް ނިމުމާއެކު ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބ،ި އުދަ އެރުމާއި ޑިންގީތައް ލަފާ ފުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއަކީ 27.51 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 29،125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރުގައި ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓެއް ޖެހުމުގެ އިތުރުން 16 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި އަދި 58 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހުމާން ޔޫސުފެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދު ވަނީ އއ. ބޮޑުފޮޅަދޫގައި ހޭންޑް ބޯލް ކޯޓެއް ތަރައްގީކުރަންވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ބޮޑުފޮޅަދޫގެ އިތުރުން ރ. ކިނޮޅަހުގައި ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މިއަދު އެ ކުންފުންޏާ ހަވާލުކޮށްފައިވެއެވެ.