ގަވާއިދާ ހިލާފަށް ހުޅުމާލޭގައި އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ހާއްސަ ރެއިޑު އޮޕްރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އާންމުކޮށް ބިދޭސީން ހަރަކާތްތެރިވާ ތަންތަން ވަނީ ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އަދި އެކަން ތަންފީޒު ކުރުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓާކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.