އއ. ބޮޑުފޮޅަދޫގައި ހޭންޑް ބޯލް ކޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ 896 މީހުންގެ އާބާދީއެއް އޮންނަ ބޮޑުފޮޅުދޫގައި ހޭންޑް ބޯލްއަކީ މިހާރުވެސް މަޝްހޫރު ކުޅިވަރެއް ކަމަށެވެ. އަދި މި ރަށުގައި ހޭންޑް ބޯލް ކޯޓެއްހެދުމަކީ އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ ދަށުން ފެންސެއް ޖެހުމާއި، ޓާފެއް އެޅުމާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއަކީ 1.43 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނިޔާޒެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީ އަކީ ފާއިތުވި 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ.