ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއްގެ ރިޕޯޓުތައް ލިބެމުން އަންނަކަމަށާއި މި މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން ކަމަށެވެ. މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަކަރާއި ހީލަތުގެ މި އަމަލު ހިންގުމުގައި މަކަރުވެރިން އަމަލުކުރާ ގޮތްތަކުގެ ތެރޭގައި:
- އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކާއެވެ. ހާއްސަގޮތެއްގައި ޓެދާ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާއެވެ.
- މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅައެވެ.
- މި މަރުހަލާގައި މަކަރުވެރިޔާ، ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެކެވެ. މިއީ މުޅި މި މަކަރުވެރި އަމަލުގެ ފެށުމެވެ.
- އެއާއެކު، މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ.
- ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެންނެވެ.
- ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރެއެވެ. ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރެއެވެ.
- ޓްރާންސްފާ ކުރުމަށްފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރެއެވެ. ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށެވެ.
ފުލުހުން ބުނީ ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދޭއިރު ވިއްކާ ފަރާތުން ގެއްލެނީ އެމީހުންގެ ކްރިޕްޓޯކަރަންސީ ކަމަށެވެ. ނަގުދު ފައިސާގެ މިލްކުވެރިކަމާމެދު ހިލާފު އުފެދި ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަމުން އަންނަކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން އަބަދުވެސް ކަށަވަރުކުރުމަށާއި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރާށެވެ.
ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފިނަމަ، ނުވަތަ މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެނަމަ، ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކޮށް އެކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.