ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ގާއިމުކޮށްފައިވާ 4000 ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލުކުރުމުގެ ކުރިން އެތަނުގައި އިތުރު ބަސް ސްޓޮޕްތައް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެ ސަރަހައްދުގައި މިހާރު އެއްވެސް ބަސް ސްޓޮޕެއް ނެތުމާއެކު އެޗްޑީސީން ބުނީ މި މަސައްކަތަކީ ފްލެޓުތަކަށް ބަދަލުވާ ފަރާތަތްކަށް ފަސޭހައިން ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
މި ފްލެޓުތައް މީހުންނަށް ހަވާލުކުރުމަށް މިހާރު އަންނަނީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ.
އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކުރި 4000 ސޯޝަލް ހައުސިން ޔުނިޓުގެ މަޝްރޫއުގެ 1000 އަށް ވުރެ ގިނަ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށާއި، މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައި ވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.
ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓް ތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.