ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު ކަމަށާ، އެއީ ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެގެންވާނެ ކަމެއް ނޫން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ.ދަރަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާހިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން، އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއްކަމަށެވެ.
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު، ބަޔާންކޮށްދެއްވާފައެވެ. ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިސްލާހުތަކުގައިވެސް ވަނީ މިކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާ، ކަން އެގޮތުގައި ހިނގަމުންދާނަމަ، ވައުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެކަމުގައެވެ. އަދި އެ މަނިކުފާނު މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ބ. ދަރަވަންދޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ، އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގާ، ނިންމާނެ މުހިންމު މަޝްރޫއުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ބ. ދަރަވަންދޫގައި އޮތް އެއާޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓްކަމުގައެވެ. ނަމަވެސް އެއާޕޯޓްގެ ތަރައްގީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސާވިސަސްއާ ހަވާލުކުރެވި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަކީ، ސިޔާސީ ހިޔާލުތަފާތުވުން ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައި ގަބޫލުކޮށް، ޕްރޮފެޝަނަލް ގޮތުގައި ޒިންމްދާރުކަމާއެކު ފުރިހަމައަށް އެއްބާރުލުން ދިނުންކަމުގައެވެ.