ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އެއާ އަރަބިއާއަށް ހިދުމަތްދޭން ފަށައިިފިއެވެ.
އެއާ އަރަބިއާގެ އޮޕަރޭޝަން އާ ޓާމިނަލްގައި މިއަދު ފަށާފައިވަނީ ޑިޕާޗާ ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. މިއީ އާ ޓާމިނަލުން ހިދުމަތްދޭން ފެށި ފުރަތަމަ ބޭރުގެ އެއާލައިން ވެސް މެއެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ރަސްމީކޮށް ހުޅުވި ނަމަވެސް ހިދުމަތް ދޭން ފަށާފައިވަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކަށް އެކަނިއެވެ. އެއަށްފަހު އާ ޓާމިނަލަށް އިތުރު ހަތް އެއާލައިނެއް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާކަން އެމްއޭސީއެލްއިން އިއުލާން ކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
އެގޮތުން އެވްރެޖްކޮށް 200 ފަސިންޖަރުންނަށްވުރެ އިތުރު ނުވާ އެއާލައިންތައް ބަދަލު ކުރުމަށްފަހު ނެރޯ ބޮޑީގެ މަތިންދާ ބޯޓުތައް އިތުރު ކުރާނެ ކަމަށް އެމްއޭސީއެލް އިން ވަނީ އޭރު އިއުލާންކޮށްފައެވެ. އަދި އެއަށްފަހު ވައިޑް ބޮޑީގެ މަތިންދާ ބޯޓުތައް ވެސް އާ ޓާމިނަލަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.
އާ ޓާމިނަލަށް ބަދަލު ކުރަން މަޝްވަރާ ކުރި އިތުރު އެއާލައިން ތަކަކީ:
- ޗޮންޖިންގް އެއާލައިންސް
- ބިއޯންޑް
- ޒިއަމެން އެއާ
- އޮމަން އެއާ
- ފިޓްސް އޭވިއޭޝަން
- ޔޫއެސް ބަންގްލާ އެއާލައިންސް
- ބެންކޮކް އެއާވޭސް
- ބަޓިކް އެއާވޭސް
މި އެއާލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ރާވާފައިވެއެވެ. ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމްކޮށްފައިވާ އާ ޓާމިނަލްއަކީ 72،000 އަކަ މީޓަރުގެ ޓާމިނަލްއެކެވެ. މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް އަދި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓާ ގާއިމްކޮށްފައިވެއެވެ.
އައު ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ގާއިމްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވާއިރު، މި ބްރިޖްތަކަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ.
އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.