ރާއްޖޭގައި ޒަކާތް ދެއްކުމާ ބަލައިގަތުމާ، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާކޮށް، ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ގާނޫނީ އޮނިގަނޑެއް ކަނޑައަޅާ، އެ ނިޒާމު ހިންގުމާ ބެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދުއެވެ.

މިއަދު ބޭއްވި ޖަލްސާގައި މި ބިލު ބަލައިގަނެ ދިރާސާކުރުމަށްޓަކައި އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައިވާއިރު، މި ބިލަކީ 6 ބާބަކަށް ބެހިގެންވާ އަދި މުޅިން އަލަށް ފަރުމާކޮށްފައިވާ ބިލެކެވެ. މި ބިލުގެ، ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ.

މި ބިލުގައި ޒަކާތް ކައުންސިލަށް މެންބަރުން އިންތިހާބު ކުރާނެ ގޮތާއި އިންތިހާބު ކުރާނެ ދާއިރާތަކުގެ އިތުރުން އެ ކައުންސިލުގެ މަސްއޫލިއްޔަތުތައް ވެސް ބަޔާންކޮށްފައި ވެއެވެ.

މި ބިލުގެ ސަބަބުން ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާއިރު ޒުވާން ޖީލަށް ޒަކާތް ދެއްކުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިލްމީ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.