ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ އށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އިރު، ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއްބަސްވެފައިވާ ނަތީޖާތައް ވަގުތުން ތަންފީޒުކޮށް، ކޮންމެ ފެންވަރެއްގައި ވެސް މަޝްވަރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދިގު މުއްދަތަކަށް ދެމި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ޑިސަނަޔަކަ ރާއްޖެއަށް ވަޑައިގަތްފައި މިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަތުމަށްފަހު ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ދިނުމުގެ މުއާހަދާއިގައި ސޮއިކޮށްފައެވެ. މި މުއާހަދާގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. މި މުއާހަދާގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.