ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިިފިއެވެ.

ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސް މުއިއްޒު އާއި ރައީސް ޑިސަނަޔަކެ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ޑިސަނަޔަކެގެ ޒައާމަތުގައި، ވިލުންތެރި، ޝާމިލު އިގްތިސާދެއްގެ ގޮތުގައި ސްރީލަންކާގެ އިގްތިސާދު އިތުރަށް ހަރުދަނާ ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

ރާއްޖެއާއި ސްރީލަންކާ އަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ، ދެފަރާތުގެ އިހްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ގައުމުގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވިޔަފާރީގެ ދާއިރާއާއި، ދިފާއީ ދާއިރާއާއި، ތައުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުސަތުތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިއަދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެގައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެގައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި ސްރީލަންކާގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، ގާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، އިލްމު ހިއްސާކުރުމާއި، އިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުންވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ޑިސަނަޔަކެ ދެއްކެވި ވާހަކަފުޅުގައި، ސަގާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް 2 ގައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ފާހަގަކުރައްވައި ރައީސް މުއިއްޒު ފާޅުކުރެއްވި ޝުއޫރުތައް ތަކުރާރުކުރެއްވިއެވެ. އެގޮތުން ތައުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ގޮތަށް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތައުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ "ކްލީން ސްރީލަންކާ" ޕްރޮގްރާމްގެ ވާހަކަ، ރައީސް، ޑިސަނަޔަކެ ފާހަގަކުރެއްވިއެވެ. މި ބަޔާނުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލާ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ އިތުރުން އިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ގައުމު، އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ދެ ގައުމުގެ ލީޑަރުން ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު، ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ސްރީލަންކާގެ ރައީސް، ޑިސަނަޔަކެ ވަނީ ދައުވަތު އަރުވާފައެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެއާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައެވެ.