ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ފަށާ، ފުރަތަމަ މަތިންދާބޯޓަށް ހޫނު މަރުހަބާ ކިޔައިފިއެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު, 707 2Q އަށެވެ. އެ އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ.

މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ދެންނެވީ މިނިސްޓަރު އޮފް ފައިނޭންސް މޫސާ ޒަމީރު, މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން, މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް ތޯރިގް އިބްރާހިމްއެވެ.

އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އަދި ހަމަ އެހެންމެ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް, އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވެސް ވަނީ ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ފަސިންޖަރުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކު ފިނިފެންމަލުންނެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވައިފައެވެ. އެ ފިލާ އެ ކުންފުންޏަށް އެރުވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އާ ޓާމިނަލްއަށް ލޭންޑު ކުރި ފުރަތަމަ މޯލްޑިވިއަންގެ މަތިންދާ ބޯޓު، އެއާބަސް A330 / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެކެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެއެވެ.